ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ހާއްސަ މަންދޫބެއް

އަވަސް

9 ނޮވެމްބަރު 2025 | އާދިއްތަ | 3:50

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި އެވެ.

އެއާޕޯޓް ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތަށް މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުން މިއަދު ރާއްޖެ ވަޑައިގެންނެވީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަފޫ ރާމް އެވެ. ކިންގަރަފޫއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ކުރިއަށްދިޔަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ކިންގަރަފޫ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. ކިންގަރަފޫގެ އަރިހުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން ދާއިރާގެ ވަފުދެއްވެސް ރާއްޖެ ވަޑައިގެންނެވި އެވެ. މިރޭ ބާއްވާ ރަސްމިއްޔާތުގައި ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާބޯޓެއް ޖައްސާނެ އެވެ. މި އެއާޕޯޓް ތަރައްގީކޮށްފައި ވަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ވަނީ 2.24 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކޮށްފަ އެވެ.

މައުޟޫޢުތަށް