ޝަހީމް، ސައުދީގެ ހައްޖު މިނިސްޓަރާ ބައްދަލު ކުރައްވައިފި

އަވަސް

9 ނޮވެމްބަރު 2025 | އާދިއްތަ | 4:00

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީގު ރަބީއާ އާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ ހައްޖާއި އުމްރާގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ދެ ހަރަމްފުޅަށް ހިދުމަތް ކުރުމުގައި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ހައްޖުވެރިންނަށް ކަންކަން ފަސޭހަކޮށް ދެއްވުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން ރާއްޖޭގެ ހައްޖުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވި އެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައި ދިވެހި ހައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަ ކަމެއް ހޯދައި ދެއްވި ކަމަށްޓަކައި ޝަހީމް ވަނީ މި ބައްދަލު ކުރެއްވުމުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި ވަލީއަހުދު އަދި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ސައުދީއާއެކު އޮންނަ އަހުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށާއި މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

މައުޟޫޢުތަށް