"ހަނިމާދޫ އެއާޕޯޓަކީ ބޮޑު ތިލަދުންމަތީގެ ތަރައްގީގެ ދޮރޯށި"

އަވަސް

9 ނޮވެމްބަރު 2025 | އާދިއްތަ | 11:00

ހަނިމާދޫ އިންޓަޝަނަލް އެއަރޕޯޓާއެކު ހުޅިވިގެންދަނީ ބޮޑު ތިލަދުންމަތީގެ ތަރައްގީގެ ދޮރޯށި ކަމަށާއި މި ފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުންވެސް ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ މިރޭ ހުޅިވިގެން އެ ދިޔައީ އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗާ އެކަނި ނޫން ކަމަށާއި އެއީ ބޮޑު ތިލަދުންމަތީގެ ތަރައްގީގެ ދޮރޯށި ކަމަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު އަދި އިންޑިއާގެ މިނިސްޓާ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕު ރާމްމޯހަން ނައިޑޫވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސްގެ ވާހަކަފުޅުގައި މި މަޝްރޫއަކީ ތަސައްވުރާއި، ބަދަލާއި، މިންނެތް މަސައްކަތުން ހާސިލްވާނެ ކާމިޔާބު ރަމްޒުކޮށްދޭ މަޝްރޫއެއްކަން ފާހަގަކުރެއްވި އެވެ. ރައީސް އިބްރާހީމް މުުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ކަމުގައިވީ ނަމަވެސް މަސައްކަތުގެ ދުވެލި މަޑުޖެހިފައި ވަނިކޮށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތުގެ ދުވެލި ބާރު ކުރައްވައި، ކާމިޔާބު ކަމާއެކު ނިންމާލައި ވައުދު ފުއްދަވައިދެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބިފައިވާ ގާބިލްކަން ހާމަވެ، މި އެއާޕޯޓްގެ ޒަރިއްޔާއިން މުޅި ދުނިޔެއާ އުތުރުގެ ރަށްތައް ގުޅާލެވިގެން ދިޔައީ ކަމުގައި ސިފަކުރައްވާފަ އެވެ. "އެހެންވެ ހުޅުވިގެން މިދިޔަ ރަނުގެ ފުރުސަތުގެ ބޭނުން ހުރިހާ ފަރާތްތަކަކުންވެސް ހިފަންޖެހޭ. ބައިނަލްއަގްވާމީ އެއާލައިންތަކުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަންވެސްޖެހޭ. އަދި ދިވެހި ވިޔަފާރިތަކުންވެސް އުތުރުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް