ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކަށް ދީފި

އަވަސް

9 ނޮވެމްބަރު 2025 | އާދިއްތަ | 4:00

ގައުމީ ސިއްހީ ލެބޯޓަރީގެ ފީސިބިލިޓީ ހެދުމަށާއި ޑިޒައިން އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ޖައިޓެކް ކޮންސަލްޓަންސިން ގްރޫޕާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލެބްގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ޖައިޓެކް ކޮންސަލްޓަންސިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗާ ކްރިސްޓްނަ ޖެންރާ އެވެ. މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ ރަނގަޅުކުރުމަށްޓަކައި ގައުމީ ފެންވަރުގެ ވަރުގަދަ ލެބޯޓަރީއެއް ހުރުމަކީ ސިއްހީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު ކަމެއް ކަމަށެވެ. ތަފާތު ބޭސްތައް ތަހުލީލުކުރުމާއި އެފަދަ މުހިއްމު ކަންކަން ކުރުމަށްޓަކައި މިވަގުތު ބަރޯސާވާން މަޖުބޫރުވެފައިވަނީ ބޭރުގެ ލެބޯރަޓްރީތަކަށް ކަމަށްވެސް ވިދާޅުވި އެވެ. "މިކަމުގެ ސަބަބުން ހިނގާ ހަރަދު ބޮޑުވެ އެންމެ މުހިއްމު ވަގުތުތަކުގައި އަޅުގަނޑުމެންނަށް އެ ހިދުމަތް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ދިނުމަށް ވަނީ ގޮންޖެހުމަކަށްވެފައި،" މިނިސްޓަރު ވިދާޅުވި އެވެ. ނާޒިމު ވިދާޅުވީ ގައުމީ ސިއްހީ ލެބޯޓަރީގެ މަޝްރޫއު ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިންމާ ހިދުމަތް ދެވޭނެ ކަމަށެވެ. ޖަރުމަނުގެ ކުންފުނިން ލެބްގެ ކޮންސަލްޓެންސީއާއި ޑިޒައިންގެ މަސައްކަތް ކުރިއަށް އޮތް ހަމަސް ތެރޭގައި ނިންމައި، ދެވަނަ ފޭސްގެ ދަށުން ކޮންޓްރެކްޓަރެއް ހޯދައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. މިލެބޯޓަރީ ގާއިމުކުރަނީ ހުޅުމާލޭގައި 12 ބުރިއަށެވެ. މިތަނުގައި މައިކޮލޮޖީ، އިންޓާނޮލޮޖީ އަދި ޕެރަސަޓޮނޮލޮޖީގެ ޓެސްޓުތައް ހެދުމުގެ އިންތިޒާމުތަކާއި ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ ދިރާސާތައް ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް