ބަޖެޓް ބަހުސް ފަށައިފި
އަވަސް
10 ނޮވެމްބަރު 2025 | ހޯމަ | 9:28
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް ފަށައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ބަޖެޓުގެ ބަހުސްގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށް ގިނަވެގެން 15 މިނެޓްގެ އެއް ފުރުސަތު ދޭން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިއަދުގެ ޖަލްސާގައި ބަހުސް ކުރިއަށް ގެންދާނީ އެއް ގަޑިއިރަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ ބަޖެޓް ކޮމިޓީއާ ބައްދަލުކުރެއްވުން މިއަދު 11:00 އަށް ތާވަލުކޮށްފައި އޮތުމެވެ. އެ ބައްދަލުވުމަށް 22 މެންބަރުން ވަޑައިގަންނަވާއިރު އެ ބައްދަލުވުމުގައި މިނިސްޓަރު ދައްކަވާ ވާހަކަތަކާ ގުޅޭ ގޮތުންވެސް މެންބަރުން ބަހުސް ކުރައްވަން ބޭނުންވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. މީގެ އިތުރުން ބުދަ ދުވަހާއި އާދިއްތަ ދުވަހުވެސް ބަޖެޓު ބަހުސް ކުރިއަށް ގެންދަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.