އިމިގްރޭޝަންގެ އީ-ވީޒާ ތައާރަފުކޮށްފި
އަވަސް
10 ނޮވެމްބަރު 2025 | ހޯމަ | 1:34
އިމިގްރޭޝަންގެ ހިދުމަތްތަކަށް އިންގިލާބީ ބަދަލެއް ގެނެސްދޭ އީ-ވީޒާ ތައާރަފުކޮށްފި އެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ބިދޭސީންގެ ވިޒާއަށް އެދި މީގެ ކުރިން ހުށަހަޅަން ޖެހެނީ ކަރުދާހުގައި ޕްރިންޓްކޮށްފައިވާ ފޯމުތައް މެދުވެރިކޮށެވެ. ފަހުން މި ނިޒާމު އޮންލައިން ޕްލެޓްފޯމަކަށް ބަދަލު ކުރެވުނު ނަމަވެސް ވިޒާ ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ހަދައި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓު ހުށަހެޅުން އޮތީ ލާޒިމުވެފަ އެވެ. އިމިގްރޭޝަނުން ބުނީ އީ-ވިޒާގެ ހިދުމަތާއެކު މީގެ ކުރިން ވީޒާގެ ހިދުމަތް ހޯދުމަށް ވަކިވަކި ސިސްޓަމްތައް ބޭނުންކުރަން ޖެހުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް ހައްލު ލިބި ލުއިފަސޭހަކަމާއެކު ވިސާއަށް އެދި ހުށަހެޅޭނެ ކަމަށެވެ. ވިޒާ ދޫކުރުމާއެކު އީ-ވިޒާ އޮންލައިންކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށާއި އީ-ވިޒާގެ ސައްހަކަން ކަށަވަރު ކުރުަށް ކިއުއާރް ކޯޑެއް ހިމެނިފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ހިދުމަތް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.