ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަނީ
އަވަސް
11 ނޮވެމްބަރު 2025 | އަންގާރަ | 8:16
އަންނަ ރޯދަ މަހު މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފަ އެވެ. ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން ޖެނުއަރީ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހެ އެވެ. ދިވެހި ހާފިޒުންނަށް އެލަވަންސް ފައިސާ ދެނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދުކުރާ ކޮންމެ ރެއަކަށް 500 ރުފިޔާގެ ރޭޓުންނެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.