ނިއުދިއްލީގައި އެއްޗެއް ގޮވައި ބަޔަކު މަރުވުމުން ރައީސްގެ ތައުޒިޔާ

އަވަސް

10 ނޮވެމްބަރު 2025 | ހޯމަ | 11:50

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ތާރީހީ ރެޑް ފޯޓުގެ ކައިރީގައި މިރޭ އެއްޗެއްް ގޮވައި ހިނގި ހިތާމަވެރި ހާދިސާގައި ބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފަ އެވެ. މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށްވެސް ރައީސް އެދިވަޑައިގެންފައިވެ އެވެ. މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަން ރައީސްގެ މެސެޖުގައި ވަނީ ހާމަކުރައްވާފަ އެވެ. ސަލާމަތީގޮތުން އަބަދުވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އޮންނަ 30 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ދިއްލީގައި މިފަދަ ހާދިސާތައް އާންމުކޮށް ނުހިނގައެވެ. އިންޑިއާ ގަޑިން މިރޭ 7:00 ޖަހަނިކޮށް މިހާދިސާ ހިނގީ މަޑުމަޑުން ދުއްވާފައި އައި އުޅަނދެއް ޓްރެފިކް ލައިޓުގައި ހުއްޓުނު ވަގުތު އެ ކާރު ގޮވައިގެންނެވެ. މިގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި އެވަގުތު އޮތް ހަ ކާރަކާއި ތިން އޮޓޯއެއްގައި އަލިފާން ރޯވި އެވެ. މިހާދިސާގައި މިހާތަނަށް 8 މީހަކު މަރުވިކަން ވަނީ ޔަގީންވެފަ އެވެ. މިއީ ބަޔަކު ގަސްދުގައި ރާވައިގެން ދިން ހަމަލާއެއް ކަމަކަށް އިންޑިއާ ސަލާމަތީ ފަރާތްތަކުން އަދި ނުބުނެ އެވެ.

މައުޟޫޢުތަށް