ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު މޫސާ އަންވަރަށް
އަވަސް
11 ނޮވެމްބަރު 2025 | އަންގާރަ | 10:02
ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އައްޑޫ އަތޮޅު މީދޫ މޫސާ އަންވަރަށް އަރުވައިފި އެވެ.
މޫސާ އަންވަރަށް ޝަރަފު އެރުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އޭނާ ވަނީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފަ އެވެ. މޫސާ އަންވަރު ސިއްހީ ދާއިރާއަށް ނުކުމެވަޑައިގަތީ އުމުރުން 16 އަހަރުގައި އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު، ގަމުގައި ހުންނަ ރޯޔަލް އެއާފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގަ އެވެ. 1977 ވަނަ އަހަރު މާލެއަށް ބަދަލުވެ، އޭރުގެ އެލައިޑް ހެލްތު ސާވިސް ސެންޓަރުގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައި މޫސާ މަސައްކަތް ކުރެއްވި އެވެ. އޭނާ ވަނީ ހެލްތު މިނިސްޓްރީގެ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވާފަ އެވެ. މީގެ އިތުރުން އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް ގާއިމްކުރި ހޮސްޕިޓަލްތައް ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ.