ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 97 ބޭފުޅަކަށް އައްޑަނަ ދެއްވައިފި

އަވަސް

11 ނޮވެމްބަރު 2025 | އަންގާރަ | 1:53

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ 97 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން ދެއްވައިފި އެވެ.

އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ. މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހުލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ. މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނެވެ. މީގެ ކުރިން މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރެއްވި 94 ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ އިނާމު ދެއްވާފައެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި އިނާމު ދެއްވަން ފެއްޓެވީ، 2021 ވަނަ އަހަރުގަ އެވެ. އެއީ، ވަރަށް ދިގު މުއްދަތަކަށް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާ ގިނަ އަދަދެއްގެ ބޭފުޅުން އޭރުވެސް ތިއްބެވުމާއެކު، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މައުޟޫޢުތަށް