މަތީ ދަރަޖަ ހޯދި 34 ބޭފުޅަކަށް ހާއްސަ އިނާމު
އަވަސް
11 ނޮވެމްބަރު 2025 | އަންގާރަ | 2:34
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 34 ބޭފުޅަކަށް މިއަދު ދެއްވައިފި އެވެ.
މި ބޭފުޅުންނަށް އިނާމު ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަކީ، އިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ދިނުމަށް ނިންމީ، 2022 ވަނަ އަހަރު ނުވަތަ އޭގެފަހުން ލިބިފައިވާ ކާމިޔާބީތަކަށެވެ. މި އަހަރުގެ ހާއްސަ އިނާމު ލިބިވަޑައިގެންނެވި 34 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ 8 ބޭފުޅަކާއި، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 23 ބޭފުޅެއްގެ އިތުރުން ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން އިނާމު ހާސިލު ކުރެއްވި 2 ބޭފުޅުންނެވެ.