ވާނުވާ ބަންދަށް އަވަސް ހައްލެއް ލިބޭނެ: ރައީސް

އަވަސް

11 ނޮވެމްބަރު 2025 | އަންގާރަ | 4:33

ޝަރީއަތް ނިމެންދެން "ވާނުވާ ބަންދުގައި" ބަޔަކު ތިބެގެން ނުވާނެ ކަމަށާއި ޝަރުއީ ދާއިރާގެ ތެރެއިން އެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ "ވާނުވާ ބަންދުގައި" ބަޔަކު ބޭތިއްބުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު ކޯޓުތަކުން އެ މައްްސަލަ ހައްލު ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަގީންކަން ޝަރުއީ ދާއިރާގެ މައްޗަށް އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ. "މިކަމަށް އިސްކަންދީގެން ޖުޑީޝަރީއަށް ބޭނުންވާ ޖާގަ ހަމަޖައްސައިދިނުމާއި، ދައުލަތުގެ ބަޖެޓް ކަނޑައަޅުމުގައި ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދިނީވެސް މި ސަބަބާ ހެދި،" ރައީސް ވިދާޅުވި އެވެ. ރައީސްްގެ ވާހަކަފުޅުގައި ވަނީ ކޯޓު މަރުހަލާގެ ތެރެއިން ނިންމަންޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަށް ނިންމުމަށްވެސް ގޮވާލައްވާފަ އެވެ. ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށާ ސަރުކާރުން އެ މަސަައްކަތްތައް ކުރަމުންދާ ކަމަށެވެ. އެއީ ގާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއް ކަމުގައިވާނަމަ އެކަމަކަށް ބޭނުންވާ އެއްބާރުލުންވެސް ސަރުކާރުން ދޭނެ ކަމުގައި ވިދާޅުވި އެވެ. ޝަރުއީ ނިޒާމާއި ގާނޫނު ހެދުމުގެ ނިޒާމުގެ ކަންކަމުގައި ސަރުކާރުން ދެމިއޮންނާނީ ޗެކް އެންޑް ބެލަންސް ގާއިމުކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދިނުމުގައި ކަމުގައިވެސް ވިދާޅުވި އެވެ. ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމަކަށް ވާއިރު، މި ނިޒާމު ރާއްޖޭގައި އޮންނަތާ 57 އަހަރު މިއަދަށްވީ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންނަށް މުހިއްމު ވާނީ ރައްޔިތުންގެ ހައްގުތައް އަދާވެގެން ދިއުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޒިންމާދާރު، އަދުލުވެރި އަދި އިންސާފުވެރި ގޮތެއްގައި ވެރިކަން ކުރުމަށް ކަމަށާ، އަދުލުވެރި ވެވޭނީ އޭގެ އެންމެ ފުރިހަމަ މާނައިގައި އެކަން ކުރަން އުޅެގެން ކަމުގައިވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް