ރަސްމާލެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
އަވަސް
12 ނޮވެމްބަރު 2025 | ބުދަ | 6:00
ކ. ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލެއް ގެނައުމަށް ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރުމަށް 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ކ. ގުޅިއަށް މިއަދު ކުރެއްވި ދަތުރުފުޅަށްފަހު ގުޅިއާ ޖެހިގެން އޮންނަ ރަސްމާލެއަށް ރައީސް ވަޑައިގަތީ މިއަދު ހަވީރު އެވެ. މިދަތުރުފުޅުގައި ރައީސް ވަނީ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށް ގެންދާ މިމަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަހައްދުތައް، އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ތިން ސަރަހައްދެއްގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު ސައިޓް-ޖޭގެ މަސައްކަތް ވަނީ ހިއްކާ ނިންމާފަ އެވެ. ސައިޓް-އެލްގެ 25.53 އިންސައްތަ އަދި ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމާފަ އެވެ.