އޭސީސީއަށް ނުފޫޒެއް ނެތް: ޝާމިލް
އަވަސް
12 ނޮވެމްބަރު 2025 | ބުދަ | 5:00
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ސަރުކާރުގެ ފަރާތުން ނުފޫޒެއް ފޯރުވަމުން ނުދާ ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ކުރެއްވި ސުވާލުގެ ޖަވާބުގައި ކޮމިޓީގައި އެ ވަގުތު އިންނެވި އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ ކޮމިޝަނާ ހަވާލުވެ ހުރި އެންމެ އިސް މީހެއްގެ ހައިސިއްޔަތުން އެ ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ނުދާކަން ޔަގީންކޮށްދެއްވާ ކަމަށެވެ. "އަޅުގަނޑުމެންގެ މައްޗަށް ވަކި ނުފޫޒެއް އޮވެގެން އެކަން އެހެން ދުވަހަކުވެސް ދިމާވެފައި އޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ޝާމިލް ވިދާޅުވި އެވެ. ޝާމިލް ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އޭސީސީއަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެ ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ފުދޭ މިންވަރުގެ ބަޖެޓެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. ޝާމިލް ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެ ކޮމިޝަނަށް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީއާއި އޭސީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ފުދޭ މިންވަރުގެ ބަޖެޓެއް ނޫން ކަމަށެވެ. އެގޮތުން އޭސީސީއަށް ކަނޑައަޅާފައިވާ ބަޖެޓްގެ 96.6 އިންސައްތަ އަކީ މުސާރައާއި އިނާޔަތް ދިނުމާއި އޮފީސް ހިންގުމުގެ ހަރަދުތަކާއި ކެޕިޓަލް ހަރަދު ކަމަށްވެސް ވިދާޅުވި އެވެ. އޭސީސީ މިހާރު ހިންގަމުންދަނީ އާންމުން ދިރިއުޅޭ އާންމު މީހެއްގެ އިމާރާތެއްގައިކަން ފާހަގަކުރައްވަމުން ޝާމިލް ވިދާޅުވީ އޭސީސީ، އާންމު މީހުން ދިރިއުޅޭ ގެއެއްގައި ހިންގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެ ކޮމިޝަންގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ ޖާގައިގެ ގޮތުން ވަރަށް ދަތި ގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ.