ޗައިނާއިން ތިން ލައްކަ ފަތުރުވެރިން
އަވަސް
13 ނޮވެމްބަރު 2025 | ބުރާސްފަތި | 8:27
ޗައިނާއިން މި އަހަރުގެ މިހާތަނަށް ތިން ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 300،352 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 1،897،840 ފަތުރުވެރިންގެ 15.8 ޕަސެންޓެވެ. ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެއްވަނައިގައި އޮތް ގައުމެވެ.
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.39 މިލިއަން ފަތުރުވެރިން -- 73.7 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 408,608 ފަތުރުވެރިން -- 21.5 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 48,715 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 39,475 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 1,643 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 176 ރިސޯޓާއި 935 ގެސްޓްހައުސްގެ އިތުރުން 168 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.