ސަރުކާރުގެ ނިއުސް އެޖެންސީ އިފްތިތާހްކޮށްފި
އަވަސް
13 ނޮވެމްބަރު 2025 | ބުރާސްފަތި | 3:00
ރާއްޖޭގެ މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި ނެޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ)ގެ ނަމުގައި އެޖެންސީއެއް އިފްތިތާހްކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕީއެސްއެމް ގުޅިގެން ފެށި މި މަސައްކަތަކީ، ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށި މަސައްކަތެކެވެ. ނެޝަނަލް ނިއުސް އެޖެންސީގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާންގެ އިތުރުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީނެވެ. އެންއެންއޭ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މި ޕްލެޓްފޯމާ ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑުވެސް ހަވާލުކޮށްފަ އެވެ. މިރަސްމިއްޔާތުގައި ޝަމްއާން ވިދާޅުވީ މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިންނަށް ވަރަށް ފަހި ފުރުސަތުތަކެއް ލިބޭ ޕްލެޓްފޯމަކަށް ވާނެ ކަމަށެވެ. މި ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެ އެވެ. ޕީއެސްއެމްގެ އިތުރުން އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަގުބަލުގައި މި ޕްލެޓްފޯމްގައި ހިއްސާކުރުމަށް ހަމަޖެހިފައިވެ އެވެ.