ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި 97 މީހަކު ހައްޔަރުކޮށްފި

އަވަސް

13 ނޮވެމްބަރު 2025 | ބުރާސްފަތި | 12:00

މަސްތުވާތަކެއްޗާ ދެކޮޅަށް މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން މިހާތަނަށް 86 ތަނެއް ބަލައި ފާސްކޮށް 97 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބަލައި ފާސްކުރި ތަންތަނާއި ހައްޔަރުކުރި މީހުންގެ މައުލޫމާތާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އަތުލައިގަނެވުނު ބައެއް ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާގެ ފޮޓޯތަކެއް ފުލުހުން ހާމަކޮށްފައިވެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގުވުމަށް ފެށި މި އޮޕަރޭޝަންގައި އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ.

މި އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަން ފެށީ މިއަދު ފަތިހު 5:30 ގައި ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކަމަށްވެސް ބުންޏެވެ. އޮޕަރޭޝަން އަލިމަގަކީ ފަހުގެ ތާރީހެއްގައި ޑްރަގާ ދެކޮޅަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަނެވެ.

މައުޟޫޢުތަށް