މައުލޫމާތު ނެތް ބިދޭސީއެއް ފެނިއްޖެނަމަ ވަގުތުން ޑިޕޯޓްކުރާނަން: ރައީސް
އަވަސް
14 ނޮވެމްބަރު 2025 | ހުކުރު | 11:10
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެ މައުލޫމާތު ހިއްސާކުރަންޖެހޭ އެންމެ ފަހު ދުވަހަކީ މާދަމާ ކަމަށާއި އޭގެފަހުން މައުލޫމާތު ނެތް ބިދޭސީއަކު ފެނިއްޖެނަމަ އެ މީހަކު ވަގުތު ޑީޕޯޓްކުރާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި "ކުރަނގި" ނަމުގައި ހޯމްލޭންޑް މިނިސްޓްރީން ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ވެރިކަން ކުރާ ޕީއެންސީން މިރޭ ބޭއްވި "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ އޮޕަރޭޝަންގައި މިހާތަނަށް 191،700 ބިދޭސީންގެ 10 އިނގިލީގެ ނިޝާން އެކަމާ ގުޅޭ ޑާޓާބޭސްއަށް ނަގާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ބިދޭސީންގެ މައްސަލައަކީ ކޮންމެ ސަރުކާރެއްގައިވެސް ބޮޑުވެފައި އޮތް މައްސަލައެއް ކަމަށާއި ނަމަވެސް އެއީ އެއްވެސް ސަރުކާރަކަށް ހައްލުކުރެވިފައި ނެތް މައްސަލައެއް ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު މި ސަރުކާރުން މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ފެށިއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެނގޭނެ ސައްހަ ޑާޓާބޭސްއެއް ނެތް ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. "މާދަމާއަށް މި ހަމަވަނީ މުއްދަތު. މާދަމާއާއި ހަމައަށް ރަޖިސްޓާ ނުވާ ނުވަތަ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގައި ފެނިއްޖިއްޔާ ވަގުތުން ޑީޕޯޓްވާ ގޮތަށް އޮތީ. މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށްވެސް ނުހުރެވޭނެ ވަގުތުން ޑީޕޯޓްކުރާނެ،" ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު އެނގޭނަމަ އެ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކާ ހިއްސާކުރުމަށްވެސް އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.