ރޯދަ ހަދިޔާ: ކަރަންޓު ބިލް 400 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ

އަވަސް

15 ނޮވެމްބަރު 2025 | ހޮނިހިރު | 6:02

ކުރިއަށް އޮތް ރޯދަމަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ވެރިކަން ކުރާ ޕީއެންސީން ރޭ ބޭއްވި "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ ރޯދަ މަހުވެސް ކޮންމެ ގޭބީސީއަކަށް ހަދިޔާ ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރައްވާނެ ކަމަށާއި ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓު ބިލަށް ރޯދަ މަހު އަރާނީ 400 ރުފިޔާ ކަަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. "މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޞާންމަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޞާންމަހު ނަގާނީ އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް،" ރައީސް ވިދާޅުވި އެވެ. ރޯދަ ހަދިޔާގެ ގޮތުގައި މިއަހަރުވެސް ކޮންމެ ގޭބިސީއަކަށް ދިނީ މިފްކޯގެ ތެޔޮމަސް ދަޅު ކޭހެވެ. މިކަމަށް ދައުލަތުގެ ބަޖެޓުން 111.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މައުޟޫޢުތަށް