ޑްރަގު އެތެރެ ކުރަން އުޅުނު 16 މީހަކު ހައްޔަރުކޮށްފި
އަވަސް
15 ނޮވެމްބަރު 2025 | ހޮނިހިރު | 6:16
ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 16 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ ބުނި ގޮތުގައި މި އޮޕަރޭޝަން ހިންގީ މިމަހުގެ 2 ވަނަ ދުވަހުން 13 ވަނަ ދުވަހަށް ގއ. އަދި ގދ. އަތޮޅުގަ އެވެ. މި އޮޕަރޭޝަން ހިންގީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ސައުތު ޕޮލިސް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި ގއ. މާމެންދޫއިން ހައްޔަރުކުރި ހަތް ފިރިހެނުންނާއި އަންހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ގދ. ވާދޫއިން ފަސް ފިރިހެނުންނާއި މާލެއިން ތިން ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި ދެ ހުސްބިން ބަލައިފާސްކުރުމުގެ އިތުރުން ދެ ކާރާއި ފަސް ސައިކަލް ބަލައިފާސްކޮށްފައިވެ އެވެ. އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން ތިން މީހަކަށް 30 ދުވަސް، ހަ މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.