ވިޔަފާރިވެރިންގެ ބިލުތަކަށް 444 މިލިއަން ދައްކައިފި

އަވަސް

15 ނޮވެމްބަރު 2025 | ހޮނިހިރު | 1:23

ދިވެހި ދައުލަތުން އެކި ފަރާތްތަކަށް ދޭންޖެހި ނުދީ ހުރި ފައިސާގެ ތެރެއިން މި މަހުގެ ކުރީކޮޅު ފެށި ފަހުން މިހާތަނަށް 444 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ ފަސް ހަފުތާ ތެރޭގައި ދައްކާ ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ އޮކްޓޫބަރު ދެވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޕީއެންސީން ރޭ ބޭއްވި "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ފަސް ހަފުތާ ވީތަނާ ބިލްތައް ދައްކަން ފަށާފައިވާ ކަމަށާއި މިހާތަނަށް 1،040 ފަރާތަކުން ކޮށްފައިވާ މަސައްކަތަށް ފައިސާ ދީފައިވާ ކަމަށެވެ. "އެއީ ޖުމްލަ 444.3 މިލިއަން ރުފިޔާގެ ޕެންޑިން ބިލްސް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުން ފައިސާ ޗާޕުކުރާ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވާ ރައީސް މުއިއްޒު ރޭ ވެސް ވަނީ މި ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް