ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން: ސާޖިދާ

އަވަސް

15 ނޮވެމްބަރު 2025 | ހޮނިހިރު | 11:00

އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވާ އެކަމަނާ ވަނީ ގައުމަށް އެކި ރޮނގުރޮނގުން ޚިދުމަތް ކުރާ މީހުން ބިނާކުރުމުގައި މައިންވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާ ފާހަގަކުރައްވާފަ އެވެ. އަދި އަންހެނުން ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ފާހަގަކުރައްވައި، އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައި ކަމަށް އެކަމަނާ ވިދާޅުވި އެވެ. ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާއީ ޒިންމާތަކަށް އިޝާރާތްކުރައްވަމުން އެކަމަނާ ވަނީ، ފަންނިއްޔާތަށް އަހުލުވެރިވުމާއި، ވިޔަފާރީގެ އާ ގޮތްތައް އީޖާދުކުރުމާއި، ސިޔާސީ ފުރުސަތުތަކަށް ތައްޔާރުވުމުގެ މުހިންމު ކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި ތާރީހުގެ ސަފްހާތަކަށް ހަވާލާދެއްވައި، ދިވެހި އަންހެނުންނަކީ އިލްމީ، ވިސްނުންތެރި، ދުރުވިސްނޭ، އަބުރުވެރި، ހުޝިޔާރު އަދި ގާބިލް ބައެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވި އެވެ. މިރޭގެ ޖަލްސާ އިންވެސް ސާބިތުވެގެންދިޔައީ ދިވެހި އަންހެނުންގެ ގާބިލްކަމާއި، ހީވާގިކަމާއި، މުރާލިކަން އަދި ނަތީޖާ ހާސިލްކުރުމުގައި ވާ ގުރުބާނީ ކަމަށް ވިދާޅުވެ އެކަމަނާ ވަނީ އެކި ދާއިރާތަކުން ރެހެންދި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފަ އެވެ. މިދިޔަ އަހަރާއި މި އަހަރު 14 ބޭކަނބަލަކަށާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ރެހެންދި އެވޯޑު ލިބިފައިވެ އެވެ. މިރޭގެ ހަފްލާގައި އެފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދޭ ހާއްސަ އެވޯޑެކެވެ.

މައުޟޫޢުތަށް