ރެހެންދި އެވޯޑް 15 ފަރާތަކަށް ދީފި

އަވަސް

15 ނޮވެމްބަރު 2025 | ހޮނިހިރު | 11:00

މުޖުތަމައަށް ލާބަ ހުރި މަސައްކަތް ކުރާ އަންހެނުންނަށް ދޭ "ރެހެންދި އެވޯޑް" 15 ފަރާތަކަށް ދީފި އެވެ.

ރެހެންދި އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިދިޔަ އަހަރު ބާއްވާފައި ނުވާތީ މިއަހަރު މި އެވޯޑް ދިނީ މިދިޔަ އަހަރާއި މި އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށެވެ. ރެހެންދި އެވޯޑް ދިނުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. ރެހެންދި އެވޯޑް ދިނީ މައިގަނޑު 3 ކެޓަގަރީއަކުން ކުރިމަތިލި ފަރާތްތަކަށެވެ. އެއީ ވަކިވަކި އަންހެނުންނާއި ޖަމިއްޔާ ޖަމާއަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑާ މެއިންސްޓްރީމިންގެ ދާއިރާތަކެވެ. ރެހެންދި އެވޯޑަށް 2024 ވަނަ އަހަރު 22 އަންހެނުން ކުރިމަތިލިއިރު އެވޯޑް ލިބުނީ ފަސް މީހަކަށެވެ. އަދި 2025 ވަނަ އަހަރު 28 އަންހެނުން އެވޯޑަށް ކުރިމަތިލިއިރު 10 ފަރާތަކަށް އެވޯޑް ލިބިފައިވެ އެވެ.

ރެހެންދި އެވޯޑް ފުރަތަމަ ފަހަރަށް ދޭން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ. ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދޭ ހާއްސަ އެވޯޑެކެވެ.

މައުޟޫޢުތަށް