ފުވައްމުލަކަށް ސާފު ފެން ނުލިބޭތީ ހުށަހެޅި މައްސަލައަށް ފުރުސަތު ނުދިން
އަވަސް
16 ނޮވެމްބަރު 2025 | އާދިއްތަ | 10:26
ފުވައްމުލައް ސިޓީއަށް ސާފު ފެން ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތު ނުދޭން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ. ނަމަވެސް މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅަންވެސް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރުސަތު ދެއްވާފައި ނުވެ އެވެ. އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ. އެ ގޮތުން ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރާ ފެން ތަހުލީލުކޮށް އެ ފެނަކީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި އެ ޝަރުތު ހަމަނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް މިހެން ވިދާޅުވި ނަމަވެސް ފުވައްމުލަކުގައި ދޫކުރާ ފެން ސާފު ނޫން ކަމަށާއި ފެނުގައި ވަސް ދުވާ ކަމަށް ބުނެ ފުވައްމުލަކުގެ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.