ހިޔާ/ވިނަރެސްގެ ލޯނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ރައީސް އެދިވަޑައިގެންފި
އަވަސް
16 ނޮވެމްބަރު 2025 | އާދިއްތަ | 2:22
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސޯޝަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބޭންކުގައި އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި ރައީސް މުއިއްޒު ވަނީ ބީއެމްއެލް އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށްވުމާއެކު މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކާއެކު މަޝްވަރާ ކުރެވިފައިވާކަން ހާމަކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 އިންސައްތައިން 10 އިންސައްތައަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމުގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 އިންސައްތައިން 8 އިންސައްތައަށް ކުޑަ ކުރުން، އެއީ ކުރެވިދާނެކަމެއް ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއްވާފައިވާކަމުގައި ވިދާޅުވި އެވެ. މިއާއެކު އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ދަންނަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.