އެއާ އެމްބިއުލްންސްގެ ހިދުމަތް ދުބާއީ އަދި ތައިލެންޑަށް ފަށަނީ

އަވަސް

16 ނޮވެމްބަރު 2025 | އާދިއްތަ | 7:32

އެއާ އެމްބިއުލްންސްގެ ހިދުމަތް ދުބާއީ އަދި ތައިލެންޑަށް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއިން ސޮއިކުރީ މިއަދު ރޯޝަނީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ހެލްތުގެ ނާއިބު އަހުމަދު ހަމްދާން ނާސިރު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދު އެވެ. އެއާ އެމްބިލަންސްގެ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ14ގައި ހިމަނުއްވާ މާޗް 1، 2024 އިން ފެށިގެން ދެމުންދާ ހިދުމަތެކެވެ. ހެލްތު މިނިސްޓްރީގެ ދަށުން މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް އުފައްދައި މި ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރު މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުންނެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް 1،840 ބަލިމީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ސިއްހީ ކުއްލި އެހީ ބޭނުންވާ ހާލަތްތަކުގައި ފަރުވާ ދިނުމަށް މާލެ ސަރަހައްދަށް އެއާ އެމްބިއުލަންސްގައި ގެނެވިފައިވެ އެވެ.

މައުޟޫޢުތަށް