ފިންޓެކްއާއެކު މުޅި ރާއްޖެއަށް އިގްތިސާދީ ގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ
އަވަސް
17 ނޮވެމްބަރު 2025 | ހޯމަ | 1:52
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ރިތިންކިން އިކޮނޮމިކް ގްރޯތު ބިޔޯންޑް ޓޫރިޒަމް" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑިޖިޓަލް ފައިނޭންސް އަދި ފިންޓެކް އީޖާދުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރައިދާނެ ގޮތާއި ބެހޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަ ހުސައިން ނިޔާޒް އަލިއަޅުއްވާލައިފި އެވެ.
ވިލާ ނޯޓިކާގައި އިއްޔެ ބޭއްވި މި ކޮންފަރަންސްގައި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕޮލިސީ މޭކަރުންނާއި މާލީ ދާއިރާގެ ވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ކޮންފަރެންސްގައި ޑިޖިޓަލް ފައިނޭންސްއަކީ ރާއްޖެ ކަހަލަ ގައުމެއްގައި ހަމަހަމަ ފުރުސަތުތަކެއް ގާއިމް ކުރުމަށް ބޭނުން ކުރެވޭ އެންމެ މުހިންމު އެއް ވަސީލަތްކަމުގައި ހުސައިން ނިޔާޒް ފާހަގަކުރެއްވި އެވެ. "ކައިރި މުސްތަގުބަލެއްގައި އެމް-ފައިސާ އާއި ޕޭޕާލް އިންޓަގްރޭޓް ކުރެވިގެން ދިޔުމުން ކޮންމެ ރަށެއްގެ ފްރީލާންސަރުންނާއި ފަންނުވެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓްތަކާއި އާމްދަނީ ހޯދުމާއި އާ ފުރުސަތުތައް ފަހިވެގެންދާނެ. ކޮންމެ މުޖުތަމައެއްވެސް ޑިޖިޓަލް އިކޮނޮމީގައި ބައިވެރިއަކަށް ވަނީ މިހެން," ނިޔާޒް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އުމްރާނީ ތަރައްގީގެ ހަރަދު ބޮޑުވުމާއި ޑިޖިޓަލް ހުނަރުންނަށް ހުރި ފަރަގުތަކާއި ޑިޖިޓަލް ނިޒާމުތައް ބައިބައިވުން ފަދަ ގޮންޖެހުންތަކަށް ހައްލެއް ހޯދަންޖެހޭ ކަމުގައި ނިޔާޒް ވިދާޅުވި އެވެ. "މިއީ އެއްވެސް ފަރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އީޖާދީ ފުރުސަތުތައް ފޯރުކޮށްދިނުމަށް ޕްރައިވެޓް ސެކްޓާއާއެކު ހަރުދަނާ ޕާޓްނަރޝިޕެއް ގާއިމް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނިޔާޒު ވިދާޅުވީ ޑިޖިޓަލް މޯލްޑިވްސްއެއް ބައްޓަން ކުރާނީ ހަމައެކަނި ޓެކްނޮލޮޖީއެއް ނޫން ކަމަށެވެ. އަދި ކަންކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކޮންމެ ދިވެއްސަކަށްވެސް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީވެދެވޭނެ ކަމަށް ވިދާޅުވި އެވެ.