ރައީސްގެ ވިސްނުންފުޅަކީ ދަރަނިތައް ދެއްކުމާއެކު ގައުމު ބިނާކުރުން: މެންބަރު އަބްދުﷲ

އަވަސް

17 ނޮވެމްބަރު 2025 | ހޯމަ | 3:47

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދަރަނިތައް ދެއްކުމާއެކު ގައުމު ބިނާކުރުން ކަމުގައި ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މެންބަރު އަބްދުﷲ ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ އެޅިފައި ހުރި ބިޔަ މާސިންގާ ދަރަނިތައް ދައްކަމުން ގައުމު ބިނާކުރުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުއްވުން ކަމަށެވެ. "އެތެރޭގެ ދަރަނިތަކާ ބޭރުގެ ދަރަނި އޮތީ ބިރުވެރި ހާލަތެއްގައިކަން ބަޖެޓުން ބުނެދޭ. އެހެންނަމަވެސް މިއަދުގެ ސަރުކާރުން ކަންކުރާ ގޮތަކީ މެނޭޖުކުރަމުން ދަރަނި ދައްކަމުން ޕްރޮޖެކްޓްތައް ހިންގަމުން ވީރާނާ ވެފައިވާ ތަންތަން އަލުން ހަދަމުން ނުހުއްޓި ކުރިއަށް ދިއުން،" މެންބަރު އަބްދުﷲ ވިދާޅުވި އެވެ. މެންބަރު އަބްދުﷲ ވިދާޅުވީ ރައްޔިތުން އެންމެ ބޭނުންވާ ބޯހިޔާވަހި ކަމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަކީ ރައީސް މުއިއްޒުގެ އަމާޒެއް ކަމަށާއި އެކަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ. ބަޖެޓު ކޯޑުގައި އޮތަސް ކަންކަން މިހާތަނަށް ނުހިނގާކަން ކުރީ ސަރުކާރުތަކުގެ ބަޖެޓް ފޮތްތައް ދިރާސާކޮށްލީމަ ޔަގީންވާނެ ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން ކަންކުރަނީ އެ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. "ރައްޔިތުން އެދޭ ގޮތަކީ ކޮބާތޯ ބަލާ އެދޭ ކަމެއް އެދޭ ގޮތަށް ކޮށްދެއްވުމުން އެއީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތު. ފެންނަނީ އަމަލީ މަސައްކަތް ފަށާ ހަލުވި ދުވެލީގައި ނިންމާތަން،" މެންބަރު އަބްދުﷲ ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ ދުނިޔެވީ ހަމަތަކުން ބަލާއިރު ބަޖެޓަކީ ދިރުން ހުރި އެއްޗަކަށް ބަދަލު ކުރެވޭ ހާލަތު އަންނަ ކަމަށާއި އެއީ ވެރިންގެ ކުޅަދާނަކަމުން ކަމަށެވެ.

މައުޟޫޢުތަށް