"މޯލްޑިވްސް 2.0: ރާއްޖޭގެ މުސްތަގުބަލްގެ ތާރީޚް ބަދަލުކޮށްލާނެ"
އަވަސް
17 ނޮވެމްބަރު 2025 | ހޯމަ | 10:00
ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާ ގޮތަށް ޑިޖިޓަލް އާ ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ހިންގަން ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫއަކީ ދިވެހިރާއްޖޭގެ މުސްތަގުބަލްގެ ތާރީޚް ބަދަލުކޮށްލާނެ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާހްކޮށްފައިވާ ޕްރޮގްރާމެކެވެ. ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫއުގެ ދަށުން ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަން ކަމަށެވެ. "އެންސްޕާގެ ބައެއް ހިދުމަތްތައްވެސް މި ވިއުގައިން މިހާރު ވަނީ ދޭން ފަށާފައި. މުޅި ސިއްހީ ދާއިރާއަށް މިކަން ތައާރަފްވުމާއެކު ހުރިހާ ރައްޔިތުންނަށް އެކަމުގެ އަސަރު ނުވަތަ ފައިދާކުރާނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ބަދަލުތައް ބަލައިގަތުމަށް ފަސްޖެހެވޭ ގޮތް ވުމަކީ އިންސާނީ ޠަބީއަތް ކަމަށާ ނަމަވެސް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަމުންދާނީ "ޑިޖިޓަލް ފަސްޓް ނޭޝަން" އެއްގެ ގޮތުގައި ގައުމު ބިނާކުރުމަށް ކަމަށެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް މިކަމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށާއި 2026 ވަނަ އަހަރުގެ އެންމެ ނަތީޖާ ރަނގަޅު އެއް ވާހަކައަށްވެސް މިކަން ވެގެންދާނެ ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އިޚްލާސްތެރިކަމާއެކު ކަންކަން ކުރަނީނަމަ، މައްސަލައިގެ މުލާ ހިސާބަށް ރިއަޔަތްކުރަން ޖެހޭނެ ކަމަށާއި މޯލްޑިވްސް 2.0 އަކީ ކޮރަޕްޝަންގެ ނުބައި އަމަލަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށެވެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަމުގެ ހެޔޮ ނަތީޖާ، ޑިޖިޓަލް އިގްތިސާދުން ފެނިގެންދާނެ ކަމުގައިވެސް ފާހަގަކުރެއްވި އެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ 2040 ވަނަ އަހަރު އަންނައިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމަށް އެމަނިކުފާނުގެ ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ.