ނަފްސާނީ ހުރިހާ ބައްޔަކަށް ހިލޭ ބޭސްކުރެވޭ ގޮތް ހަދައިފި

އަވަސް

18 ނޮވެމްބަރު 2025 | އަންގާރަ | 4:05

ނަފްސާނީ ހުރިހާ ބައްޔަކަށް ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމައިފި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ނަފުސާނީ ބައްޔަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެކަމަށް ކުރާ ފަރުވާތަކަށް މިއަދާ ހަމައަށްވެސް ފުލްކޮށް އާސަންދަ ނުލިބޭ ކަމަށެވެ. "އެކަމަކު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު ވަރަށް މަދު ކަމެއްގައި ނޫނީ ރާއްޖެއިން ބޭރަށް ދާން ނުޖެހޭ ގޮތަށް ސިއްހީ ދާއިރާ ތަރައްގީކުރާނެ ކަމަށެވެ. ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް އަންނަ އަހަރު 500 މިލިއަން ރުފިޔާ، ހަރަކާތްތަކަށް 331 މިލިއަން ރުފިޔާއާއެކު ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖުމްލަ 831 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެންމެ މުހިއްމު ކަމަކީ ހޮސްޕިޓަލްތައް ބިނާ ކުރުމަށް ކުރާ މަސައްކަތްތައް ކަމަށްވާތީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އަންނަ އަހަރު ނިމެންވާއިރަށް އަމާޒަކީ ހުރިހާ ރަށެއްގައި އެ ރަށެއްގެ އާބާދީއާ އެއް ފެންވަރަށް ލެބޯޓަރީ ހިދުމަތް ގާއިމުކުރުން ކަމަށެވެ. ހަ މަސް ތެރޭ 15 ރަށެއްގައި ސީޓީ ސްކޭން ހިދުމަތް ގާއިމުކުރަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މި އަހަރު ނިމެންވާއިރަށް 60 ރަށަށް ބޭނުންވާ އެމްބިއުލާންސް ވެސް ގެނެސް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ވައުދުވީ ހުރިހާ ރަށެއްގައި ޑީކޯ ޗެމްބާ ސެންޓަރުތައްވެސް ގާއިމުކޮށް ނިމޭނެ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސީ އެމްބިއުލާންސްގެ ފްލީޓު އޮތީ ދަބަރަށްވެފައި ކަމަށާއި އެހެންވެ ސީ އެމްބިއުލާންސްގެ ހިދުމަތަށް ބޭނުންވާ ހުރިހާ އެއްޗެއް އާކުރަން ޖެހިފައިވާ ކަމަށެވެ. ސީ އެމްބިއުލާންސްގެ ފްލީޓު ވީހާވެސް އަވަހަށް އާކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް