ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު ނެތް: ރައީސް
އަވަސް
17 ނޮވެމްބަރު 2025 | ހޯމަ | 10:00
ގޭންގުތައް މެދުވެރިވެ ކުރިން ކުށްކުރުމުގައި ޝާމިލުވި ޒުވާނުން ގޭންގުތައް ދޫކޮށްލާފައިވާތީ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވާ ގޭންގެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ދެ އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގޭންގުތައް ހަދައިގެން ކުށްކުރުމުގައި އުޅުނު ޒުވާނުން ގޭންގުތައް ދޫކޮށްލާފައިވާތީ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވާ ގޭންގެއް ރާއްޖޭގައި ނެތް ކަމަށެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތައް ކަނޑައެޅުމަކީ ފުލުހުންނާއި ޕީޖީ އޮފީހާއި ކޯޓުތައް ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އެ މަސައްކަތް ކުރަން ބެލިއިރު މިވަގުތު ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ގޭންގެން މިވަގުތު ރާއްޖޭގައި ނެތް ކަމަށް ޕީޖީން މައުލޫމާތު ދީފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވާ ކަމަށެވެ. "ގޭންގުތައް މެދުވެރިވެ ކުރިން ކުށްކުރުމުގައި ޝާމިލުވި ޒުވާނުންވެސް ގޭންގުތައް ދޫކޮށް އާއްމު ދިރިއުޅުމަށް ރުޖޫއަވެ ތަފާތު ވިޔަފާރިތައް ކުރަން ފަށައިފި،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުތަކުގައި ބައެއް ކަންކަމަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވީ ނަމަވެސް ސަރުކާރުގެ މަގުސަދަކީ ބަޔަކަށް އަދަބު ދިނުން ނޫން ކަމަށެވެ. ހަރުކަށި ގާނޫނުތައް ގެންނަނީވެސް އެ ވިސްމުގައި ނޫން ކަަމަށާއި އުއްމީދަކީ ގޭންގު ހަރަކާތްތައް މުޅީން ހުއްޓި ކުށުގެ ވެށީގައި އުޅޭ ޒުވާނުން ކުށްތަކާ ދުރަށް ދިއުން ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ވަނީ ގައުމު ބިނާކުުރުމުގައި ހުރިހާ ޒުވާނުން ބައިވެރިވުމަށްވެސް އެދިވަޑައިގެންްފަ އެވެ. ރައީސް އިތުރަށް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ މަތީ ތައުލީމާއި ތަމްރީނާއި ވަޒީފާގެ ފުރުސަތުވެސް މިއަދު އެބައޮތް ކަމަށެވެ. އެހެންވެ ނުބައި މަގު އިހްތިޔާރު ކުރުމުގެ ބަދަލުގައި އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށްވެސް އެދިވަޑައިގަތެވެ.