ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް ހަދަނީ

އަވަސް

17 ނޮވެމްބަރު 2025 | ހޯމަ | 9:00

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފި އެވެ.

މި ސްޓޭޝަން ގާއިމުކުރަން ނިންމާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގަ އެވެ. ގޫގުލްގެ ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި ގާއިމުކުރެވޭ މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަގްވާމީ ސަބްމެރީން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލްކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށެވެ. ބަޔާނުގައި ބުނީ މި މަޝްރޫއުގެ ސަބަބުން ރާއްޖެ ވެގެންދާނީ އޭޝިއާ އާއި އޯޝޭނިޔާ އާއި އެފްރިކާ އާއި މެދުއިރުމަތި އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށެވެ. މިއީ އިންޑިއާ ކަނޑުގައި ގާއިމުވެގެންދާ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހައިބެއްގެ ގޮތުގައި ގާއިމުވުމަށް ލިބިގެންދާ ފުރުސަތެއް ކަމަށާ މާލޭގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރެވޭ އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިވެ ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެ ކަމަށްވެސް ބުންޏެވެ. ގޫގަލްގެ މި އިންވެސްޓްމަންޓްގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށްވެސް ބުންޏެވެ. މި މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ތަޖުރިބާކާރު ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްއާ އެކު ކަމަށްވެސް ބުނެފައިވެ އެވެ.

މައުޟޫޢުތަށް