ބަޖެޓު ބަހުސް ނިންމާލައިފި

އަވަސް

18 ނޮވެމްބަރު 2025 | އަންގާރަ | 3:56

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާ ނިންމާލައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގެ އާންމު ކޮމިޓީން ނިންމީ ބަޖެޓު ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓު ދިނުމަށާއި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓް ދިނުމަށެވެ. ބަޖެޓު ބަހުސްގައި 60 މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ އެވެ. ބަޖެޓުން 39 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. އަންނަ އަހަރު ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މައުޟޫޢުތަށް