އަބްދުއްރަހްމާންގެ މަރު: ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

އަވަސް

19 ނޮވެމްބަރު 2025 | ބުދަ | 10:49

އއ. މާޅޮހުގައި ރަހުމް ކުޑަކޮށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިއަހަރުގެ ޖުލައި 13 ވަނަ ދުވަހުގެ ދަންވަރު އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަހުމާން އާދަމް، އއ. މާޅޮސް، މާހިޔާގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއް ދީ މަރާލާފައިވާ މައްސަލާގައި ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދުގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމް އާއި، އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސްގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުުވާ އެވެ. އަބްދުއްރަހްމާންގެ މަރާ ގުޅިގެން ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހެދި އެވެ. އަބްދުއްރަހްމާންގެ ހަށިގަނޑު ވަޅުލީ ޖުލައި 24 ގައެވެ.

މައުޟޫޢުތަށް