ބ. ގޮއިދޫ އިންޖީނުގެ ބަދަލުކޮށް ނިމޭނީ 2029އަށް

އަވަސް

19 ނޮވެމްބަރު 2025 | ބުދަ | 11:27

ބ. ގޮއިދޫ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމޭނީ 2029 ވަނަ އަހަރު ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގޮއިދޫ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށޭނެ ތާރީހާއި އެ މަސައްކަތް ނިމޭނެ ތާރީހާ ގުޅޭ ގޮތުން ލިޔުމުން ޖަވާބު ހޯދުމަށް ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް އެވެ. އެ ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް ޕްލޭން ކުރެވިފައިވަނީ 2028 ވަނަ އަހަރު ކަމަށާއި އެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ 2029 ވަނަ އަހަރު ކަމަށެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ ގޮއިދޫ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް ބިން ކަނޑައެޅިފައިވީ ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް އަދި ނުފެށޭ ކަމަށެވެ. ފެނަކައިން ކުރިއަށް އޮތް އަހަރު ތެރޭގައި ނިންމުމަށް އިސްކަންދީފައިވަނީ މިހާރު އަޅަންފަށައި ނުނިމި ހުރި ޕްރޮޖެކްޓްތައް ކަމަށާއި ފަށާފައި ހުރި އިންޖީނުގެތަކުގެ ޕްރޮޖެކްޓްތައް ނިމުމާއެކު އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގެތަކުގެ މަސައްކަތް ފެށޭނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބ. ގޮއިދޫ ބްރާންޗްގައި މިވަގުތު އިންސްޓޯލްކުރެވިފައި ވަނީ ތިން ޖަނަރޭޓަރު ސެޓެވެ. އެއީ 250 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ސެޓާއި 400 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. މި ތިން ޖަނަރޭޓަރު ސެޓްވެސް ހުރީ ހިންގޭ ހާލަތުގައި އަދި ބޭނުންކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ގޮއިދޫ ބްރާންޗްގައި މިވަގުތު އެވެއިލަބަލް ކެޕޭސިޓީއަކީ 650 ކިލޯވޮޓް ކަމަށާއި ގޮއިދޫގެ މެކްސިމަމް ލޯޑް އަކީ 327 ކިލޯވޮޓް ކަމަށެވެ. ގޮއިދޫއަށް ކަރަންޓް ފޯރުކޮށްދިނުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެ ތިން ޖަނަރޭޓަރު ސެޓް އޯވަހޯލް ކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން ތިން ޖަނަރޭޓަރު ސެޓް އޯވަހޯލްކޮށް ކަންޑިޝަން ރަނގަޅު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް