ޖުމްހޫރީ ހަވީރު މާދަމާ ހުޅުވަނީ
އަވަސް
19 ނޮވެމްބަރު 2025 | ބުދަ | 1:16
ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޖުމްހޫރީ ހަވީރު މާދަމާ ހުޅުވާނެ އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ހަވީރު ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމު ކުރާ ޖުމްހޫރީ ހަވީރު ކުރިއަށް ގެންދާނީ މިމަހުގެ 20، 21 އަދި 22 ގައެވެ. މިހަވީރުގައި ރަސްކަމުގެ ދުވަސްވަރާއި ޖުމްހޫރީ ވެރިކަމުގެ އެކި ދުވަސްވަރު ހިނގާދިޔަ ކަންކަމާއި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން އައި ގޮތް އެނގޭ ގޮތަށް ތަފާތު އެކި ސްޓޯލްތަކުން މަޢުލޫމާތު ހިއްސާކުރާނެ އެވެ. މިހަވީރުގައި ރަސްރަސްކަލުން ބޭނުންކުރެއްވި އާސާރުތަކާއި، އުޅުއްވި ގޮތްތަކާއި، ޖުމްހޫރީ ވެރިކަމުގެ ދުވަސްވަރު ނިންމެވި މުޙިއްމު ނިންމެވުންތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭނެ އެވެ. ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޖުމްހޫރީ ހަވީރުގައި އެކި އުމުރުފުރާތަކުގެ މީހުންނަށް ވަކިން ޚާއްސަކޮށް ކުޑަކުދިން ޝައުޤުވެރިވާ ގޮތަށް އިހުގެ ތަފާތު ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. ޖުމްހޫރީ ހަވީރުގެ ނަމުގައި ފުރަތަމަ ފަހަރަށް ހަވީރެއް ބޭއްވުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން އައި ގޮތާއި، ހިނގާދިޔަ ކަންކަމާއި އަދި ޖުމްހޫރީ ވެރިކަމުގެ ތެރޭގައި އެކި ދުވަސްވަރު ކުރިމަތިވި އެކި ހާދިސާތަކުގެ މަޢޫލޫމާތު ހިއްސާކޮށް ވެރިކަމުގެ ނިޒާމަށް މިއަދުގެ ޖީލު ހޭލުންތެރިކުރުވުމެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ވުޖޫދުވީ ޖެނުއަރީ 1، 1953 ގައެވެ. އެކަމަކު ފުރަތަމަ ޖުމްހޫރީ ވެރިކަން ދެމިއޮތީ އެންމެ ހަތްމަހާއި 21 ދުވަހު އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަލުން ރަސްކަމަކަށް ބަދަލުކޮށްލީ މާރިޗް 7، 1954 ގައެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާ ގުޅިގެން ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ ޚިޔާލުތައް އޭރުގެ ސިޔާސީ ވެރިންގެ މެދުގައި ކުރެވި، ވެރިކަމުގެ ނިޒާމު އަލުން ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް ނެގީ މާރިޗު 15، 1968ގައެވެ. ވޯޓުލީ މީހުންގެ 81 އިންސައްތަ މީހުން ވެރިކަމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރުމަށް ތާޢީދުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަން ފެށިގެން އައީ ނޮވެމްބަރު 11، 1968 ގައެވެ. އޭގެފަހުން ޖުމްހޫރީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.