އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ހުޅުވައިފި

އަވަސް

19 ނޮވެމްބަރު 2025 | ބުދަ | 6:00

އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމުކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ސެންޓަރު ހުޅުއްވައިދެއްވީ އެކަމަށް ހާއްސަކޮށްގެން މިއަދު ހަވީރު މާފަންނު، އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް، ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ މަސައްކަތް ނިންމަވާ، ރަސްމީކޮށް ހަވާލުކުރުންވެސް މިއަދުގެ ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ. އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރާ ރަސްމީކޮށް ހަވާލުވުމަށްފަހު ވާހަކަދައްކަވަމުން، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުލްރައްޒާގު ހަލީމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މިފަދަ ސެންޓަރުތަކެއް މާލެ ސަރަހައްދުގައި ހުޅުވުމުން ރައްޔިތުންނަށް ހުރި ފައިދާތަކާއި، ލިބޭނެ ލުއިފަސޭހަކަން ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިއްހީ ސިޔާސަތާ އެއްގޮތަށް އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުތައް ފަރުމާކޮށްފަވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާވެގެންދާނެ ހިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަށެވެ. މި ސެންޓަރުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށް ގެންދާނެ އެވެ. އެގޮތުން ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓާކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ އެވެ. ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ހިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ.

މައުޟޫޢުތަށް