ހައިކޯޓުގެ ހިންގުން ފަނޑިޔާރު ޖަމީލަށް

އަވަސް

19 ނޮވެމްބަރު 2025 | ބުދަ | 7:00

ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ބަދަލު ގެނައީ ހައިކޯޓުގެ އިސްފަނޑިޔާރުގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ފައިސަލް ޒިންމާތަކުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް ފައިސަލް އެގޮތަށް ނިންމެވި ސަބަބެއް އެނގިފައެއް ނުވެ އެވެ. ހައިކޯޓުގެ އިސްފަނޑިޔާރުގެ ޒިންމާތަކާ ފައިސަލް ހަވާލުވެވަޑައިގެން ހުންނެވީ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެންނެވެ. ނަމަވެސް އެ މަގާމުގެ ޒިންމާތަކުން އޭނާ އިސްތިއުފާ ދެއްވިއިރުވެސް މަގާމަށް ރަސްމީކޮށް އައްޔަންކޮށް ފަތްކޮޅު ދެއްވާފައެއް ނުވެ އެވެ. ފަނޑިޔާރު ޖަމީލު މޫސައަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު މޫސަ އައްޔަންކުރައްވާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތިންވަނަ ދުވަހު އެެވެ.

މައުޟޫޢުތަށް