ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެވޯޑެއް
އަވަސް
19 ނޮވެމްބަރު 2025 | ބުދަ | 10:00
ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް އެވޯޑެއް ލިބިއްޖެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތައް ތަންފީޒު ކުރާ ގޮތް ދިރާސާކުރާ، ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ "ގްލޯބަލް ސެންޓާ ފޮ ގުޑް ގަވާނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)" އިން ރާއްޖެއަށް ދިނީ އެ ޖަމިއްޔާއިން ދެމުން އަންނަ "އިންޓެގްރިޓީ އެވޯޑް"އެވެ. ރާއްޖެއަށް މި އެވޯޑް ދިނުމުގައި އެ ޖަމިއްޔާއިން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި އެ ޖަމިއްޔާއިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު އެ ޖަމިއްޔާއިން ޝާއިއުކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް"ގައި ރާއްޖެއަށް ލިބިފައިވާ ސްކޯ ހިމެނެ އެވެ. މި އިންޑެކްސްގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަކީ ދެފުށްފެންނަ، އިޚްލާސްތެރި އަދި ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާސަތުތަކެއްކަން ކަށަވަރުކުރުމަށް އެ ޖަމިއްޔާއިން ކުރާ ދިރާސާތަކުގެ ނަތީޖާ ހިމެނެ އެވެ. އިންޓެގްރީ އެވޯޑް ރާއްޖެއާ ހަވާލުކުރީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ފްރޭމްވާކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފްސީޓީސީ)"ގެ ގަވާނަންސް ބައްދަލުވުން ކަމުގައިވާ "ކޮންފަރެންސް އޮފް ދަ ޕާރޓީސް (ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާ ގައެވެ. ދިވެހިރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދު އެވެ. ދިވެހިރާއްޖެއަކީ އެފްސީޓީސީގެ މެންބަރު ގައުމެކެވެ. އަދި ކޮޕް 11 ގައި ދިވެހިރާއްޖޭގެ ޑެލިގޭޝަނެއް ބައިވެރިވެ އެވެ.