އޭޓީއެފް އާމްދަނީ ތިން ބިލިއަނަށް
އަވަސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 8:24
އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) ގެ އާމްދަނީގެ ގޮތުގައި މި އަހަރު ދައުލަތަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ދައުލަތަށް 3.1 ބިލިއަން ރުފިޔާ ލިބުނެވެ. އޭޓީއެފްގެ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 2.1 ބިލިއަން ރުފިޔާ އެވެ. ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރު 1.54 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 1.58 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ. އެއާޕޯޓް ޓެކުހާއި ފީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓެކްސް ނަގާ ރޭޓް ބޮޑުކުރުން ހިމެނެ އެވެ.
ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެ އެވެ.