ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން ހުޅުވާލައިފި
އަވަސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 10:39
އައިވީއެފް ހަދަން ގާއިމުކޮށްފައިވާ "ފާޓިލިޓީ ކެއާ ފަންޑް" އިން މި އަހަރު ދޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނި ގޮތުގައި މިފަހަރު ހުޅުވާލި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ދޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށް ކަމަށެވެ. "ވަން ގަވް ޕޯޓަލް" މެދުވެރިކޮށް މި ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ. އައިވީއެފްއަށް ފާޓިލިޓީ ފަންޑުން އެހީތެރިވުމުގެ އުސޫލުގައިވާ ގޮތުން އެކަމަށް އެދެވޭނީ ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާ، އަދި ދަރިމައިވުމަށް ހުރަސް އެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ މީހުންނަށެވެ. މީގެ އިތުރުން ދަރިމައިވުމަށް އެހެން ފަރުވާތައްކޮށް ނާކާމިޔާބުވެ އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައިވުމަކީ ވެސް ޝަރުތެކެވެ.