އިންތިހާބުގައި އޮފިޝަލުން ތަމްރީނުކުރާނެ ޓްރެއިނަރުން ހޯދަން އަލުން އިއުލާނުކޮށްފި
އަވަސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 12:35
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ސިޓީތަކާއި އަތޮޅުތަކުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 110 ޓްރެއިނަރުން ހޯދަން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން ބޭނުންވާ ޢަދަދަށް ޓްރެއިނަރުން ލިބިފައިނުވާތީ އިތުރަށް ބޭނުންވާ 25 ޓްރެއިނަރުން ހޯދަން އެ ކޮމިޝަނުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް އަންނަ ޖެނުއަރީ މަހުގެ 3 އިން 8 އަށް ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށް ގެންދާއިރު ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީއޯޓީގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޮފިޝަލުން ތަމްރީނުކުރުން މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވަނީ ޖެނުއަރީ 10 އިން މާޗް 8 ވަނަ ދުވަހުގެ ނިޔަލަށެވެ. އަތޮޅުތެރޭގައި އޮފިޝަލުން ތަމްރީނުކުރުން ކުރިއަށް ގެންދަން ނިންމާފައިވަނީ ޖެނުއަރީ 10 އިން ޖެނުއަރީ 26 ގެ ނިޔަލަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އޮފިޝަލުން ތަމްރީނުކުރުމުގައި މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 800 ރުފިޔާ އަދި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 1،000 ރުފިޔާގެ އުޖޫރައެއް ލިބޭނެ އެވެ. އަދި ޓީއޯޓީ ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިން ދީ ނިމުމުން 1،400 ރުފިޔާ ދޭނެ އެވެ.