ދާރުލްއަރްޤަމްގެ ބިންގާ އަޅައިފި
އަވަސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 3:54
މާލޭގައި އިމާރާތްކުރާ ވަޤްފު އިމާރާތް -- ދާރުލްއަރްޤަމް ގެ ބިންގާ އަޅައިފި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި ދާރުލްއަރްޤަމްގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މަޝްރޫއުގެ ކޮންޓްރެކްޓާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަޙީމެވެ. ދާރުލްއަރްޤަމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 2،000 އަކަފޫޓުގެ ބިމެއްގައި 12 ފަންގިފިލާއަށެވެ. މި އިމާރާތުގެ މަޝްރޫއަކީ، ބީއެމްއެލް އިސްލާމިކްގެ އިސްލާމިކް ފައިނޭންސިންގެ ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ، 39.4 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. ދޮޅު އަހަރުދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާ މި މަޝްރޫއު ނިމުމުން، މި އިމާރާތުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ.