ސައުދީން ރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކޮށްފި
އަވަސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 5:31
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކޮށްފި އެވެ.
މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އާއި ސައުދީ އެމްބަސީގެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސައުދީ ސަރުކާރުން ރާއްޖެއާއި ދެމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ހުންނަވާ ސަޢުދީ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އަދި އެމްބަސީގެ މުވައްޒަފުންނަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވި އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ. މިއަހަރުގެ ތެރޭގައި ސައުދީން ވަނީ ރާއްޖެއަށް 50،500 މުސްޙަފް ހަަދިޔާކޮށްފަ އެވެ.