ފަލަސްތީން ފުޓުބޯޅަ އިދާރާއަށް 300،000 ރުފިޔާ ހަދިޔާކޮށްފި

އަވަސް

20 ނޮވެމްބަރު 2025 | ބުރާސްފަތި | 5:00

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރި އެކުވެރިކަމުގެ މެޗަށް ހާއްސަކޮށް ވިއްކި ސްވެނިއާ ޓިކެޓުން ލިބުނު 300،000 ރުފިޔާ ފަލަސްތީނުގެ ޓީމާ މިއަދު ހަވާލުކޮށްފި އެވެ.

ރާއްޖޭގައި ކުޅެވުނު އެކުވެރިކަމުގެ މެޗުގައި ފަލަސްތީނާއި ރާއްޖެ ވާދަކުރި ދެ މެޗުގެ ޓިކެޓް ވިއްކައިގެން ލިބުނު 19،455.25 ޑޮލަރު ނުވަތަ 300،000 ރުފިޔާ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާކުރީ، މިއަދު އެ ޓީމު ރާއްޖެއިން ފުރުމުގެ ކުރިންނެވެ. ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު އެކުވެރިކަމުގެ ދެ މެޗެއް ކުޅުނުއިރު، މިއިން ކޮންމެ މެޗެއްގައި ވެސް ވިއްކާފައިވަނީ ސްވެނިއާ ޕްލެޓިނަމް 50 ޓިކެޓާއި، ސްވެނިއާ ގޯލްޑްގެ 200 ޓިކެޓެވެ. އެފްއޭއެމުން ބުނީ މިއީ ފަލަސްތީނުގައި ފުޓްބޯޅަ އަލުން އާރާސްތުކުރުމަށް ފަލަސްތީނުގެ ފުޓްބޯލް އެސޯސިއޭޝަނުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދެވުނު އެހީއެއް ކަމަށެވެ. އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާ ގައެވެ. ފަލަސްތީނުގެ ޓީމު ރާއްޖޭގައި ކޭމްޕްކޮށްގެން ތިބި މުއްދަތަށް 546،000 އެއްހާ ރުފިޔާ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

މައުޟޫޢުތަށް