ރައުދު، ކުށަށް އިއުތިރާފްވެއްޖެ
އަވަސް
21 ނޮވެމްބަރު 2025 | ހުކުރު | 1:42
ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ)ގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް އޭނާ އިއުތިރާފްވެއްޖެ އެވެ.
ރައުދު ކުށަށް އެއްބަސްވެފައިވަނީ ކްރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައެވެ. ރައުދު ކުށަށް އެއްބަސްވީ ދައުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހަދައިގެން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރި ނަމަވެސް ޕީޖީ އޮފީހުން ވަނީ އެފަދަ އެއްބަސްވުމެއް ރައުދުއާ އެކު ނުހަދާ ކަމަށް ބުނެފަ އެވެ. ދައުލަތުން ކުރާ ދައުވާއަށް ރައުދު އިއުތިރާފްވުމާ ގުޅިގެން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ނިންމުމަށްޓަކައި އަންނަ ހަފްތާ ހުކުމް އިއްވުމުގެ މަޖިލިސް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. ރައުދުގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. މިދައުވާ ކުރާ ސަބަބަކީ ޔުމްނު ވެއްޓުނު އެނގިހުރެ ރައުދު، އެ އަންހެން ކުއްޖާއަށް އެހީތެރިވެދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށްވެސް ރިޕޯޓުކޮށްފައި ނުވަތީ އެވެ. ރައުދުގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ އެއް މަހާއި 6 ދުވަހަށް ޖަލަށްލާނެ އެވެ. ނަމަވެސް މިމައްސަލައިގެ ތަހުގީގުގައި ރައުދު ގިނަ ދުވަސްތަކަކު ބަންދުގައި ހުރުމާ ގުޅިގެން އޭނާ ޖަލުގައި ހުންނާނީ އެ ދުވަސްތައް ހުކުމުން ކަނޑާފައި ކަމަށްވާތީ ކުޑަ ދުވަސްކޮޅަކު އެވެ. ރައުދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހުގައި އެދުނީ މިދިޔަ މެއި 26 ވަނަ ދުވަހު އެވެ. ރައުދު ބަންދުގައި މަހަކަށް ވުރެ ގިނަ ދުވަހު ގެންގުޅުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް އެންމެ ފުރަތަމަ ކޯޓުގައި އަމުރަކަށް އެދުނުއިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ. ރައުދު މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ އާންމުންގެ ފާޑު ކިޔުން ބޮޑުވެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. ޔުމްނު ވެއްޓުނު ދުވަހުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ރައުދު ގެންގޮސް ސުވާލުކޮށް އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށްފަހު ދޫކޮށްލި އެވެ. ފުލުހުން އެ ދުވަހު އޭނާ ދޫކޮށްލިއިރުވެސް ކުޑަކަމުންދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފަ އެވެ. ޔުމްނު ވެއްޓުނު ހާދިސާގެ ކުރިން މާލޭގެ ދެ ގެއެއްގައި މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ޔުމްނު އާއި ރައުދު ހިމެނޭހެން ޖުމްލަ ނުވަ މީހަކު މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަން ފުލުހުން ކުރިން ދިން މައުލޫމާތުން އެނގެ އެވެ. ޔުމްނުގެ ހަށިގަނޑުންވެސް ފުލުހުން ނެގި ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. ދެން ތިބި މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށް އެދުމުން އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ފުލުހުން އޭރު ވަނީ އެ މީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފަ އެވެ. ނަމަވެސް ފުލުހުން ފަހުން ބުނީ މި މައްސަލައިގައި ހިމެނޭ އެންމެން އަލުން ދެނެގަނެ އެ އެންމެންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ. އިތުރު ފަރުވާ ދިނުމަށް ޔުމްނުގެ އާއިލާ އިން އެނާ މެލޭޝިއާއަށް ގެންދިޔަ ގޮތަށް އަނބުރާ ރާއްޖެ އައިސްފައެއް ނުވެ އެވެ.