އީޔޫ މިނިސްޓީރިއަލް ފޯރަމެއްގައި ޚަލީލް ބައިވެރިވެވަޑައިގެންފި
އަވަސް
21 ނޮވެމްބަރު 2025 | ހުކުރު | 11:00
ހަތަރުވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމުގެ ހަވާސާގެ ތެރެއިން "ކޮމަން އެންޑެވަސް ފޯ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަ"ގެ ނަމުގައި ބޭއްވި ރައުންޑްޓޭބަލް ސެޝަނެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފި އެވެ.
މިނިސްޓަރު ޚަލީލްގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންްތައް ފާހަަގަކުރައްވާފައިވެ އެވެ. އަދި ނެޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ)ގެ ދަށުން މިގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އުއްމީދީ އަމާޒުތަަކާއި ލަނޑުދަނޑިތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުުޅުގައި ބައްލަވާލެއްވި އެވެ. އެގޮތުން ވައިގެ ތެރެއަށް ގްރީންހައުސް ގޭސް ދޫކުރާ މިންވަރު 1.52 މިލިއަން ޓަނަށް 2035 ވަނަ އަހަރުގެ ކުރިން ދަށްކުރުމަށާއި، 2028 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގައި ޖެނަރޭޓް ކުރާ ކަރަންޓުގެ 33 ޕަސަންޓަކީ އިއާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށާއި "ނޭޝަނަލް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ޕްލޭނިން"ގެ ތެރޭގައި ކްލައިމެޓް ރެސިލިއަންސް ހިމެނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ޚަލީލްގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ ގޮތުން ކުދި ޖަޒީރާ ގައުމުތަކަށް ލިބެމުން އަންނަ އެހީތެރިކަމަކީ މުޅި ދުނިޔެއަށް ލިބޭ އެހީއެެއް ކަމުގައި ފާހަގަކުރައްވާފައިވެ އެވެ. އަދި ޔޫރަޕިއިން ޔޫނިއަންއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވެދޭ ޔޫރަޕިއަން ގްރީން ޑީލް "ފިޓް ފޯ 55 ޕެކޭޖް" ފަދަ އިސްނެގުންތަކަކީ މުޅި ދުނިޔެއަށް މިކަމުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ލިބިގެންދާ ހިތްވަރެއް ކަމުގައި ފާހަގަކުރައްވާފައިވެ އެވެ.