ގަވައިދާ ޚިލާފަށް އުޅުނު ހަތް ބިދޭސީއަކު އަތުލައިގެންފި
އަވަސް
21 ނޮވެމްބަރު 2025 | ހުކުރު | 5:00
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުން ދިޔަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ތިން ކެފޭއެއް ބަލައި ފާސްކޮށް ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވައި އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެސް އެމީހުންނަށް އިހުމާލުވާ ފަރާތްތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން މިވެރިކަމުގައި ޑީޕޯޓްކޮށްފައިވެ އެވެ.