ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލިއްޖެ

އަވަސް

22 ނޮވެމްބަރު 2025 | ހޮނިހިރު | 10:27

ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލިއްޖެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓްތަކެއް ގެއްލުނު މައްސަލަ ބަލަމުންދާ ކަމަށެވެ. މީގެ ތެރެއިން އެއް މައްސަލައަކީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުއްޓާ އޭގެ ތެރެއިން ހަ ކާޓަން ގެއްލުނު މައްސަލައެކެވެ. މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މި އަހަރުގެ މޭ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ. "މިތަކެތީގެ ތެރެއިން ހަ ކާޓަން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް 2025 ނޮވެމްބަރު 12 ވަނަ ދުވަހު ބެލިއިރު،" ފުލުހުން ބުންޏެވެ. މީގެ އިތުރުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި، މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަން ސިނގިރޭޓް މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ބަލަމުންދާ ކަމަށާއި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލިފައިވާއިރު ހުޅުމާލޭގެ އެމްޕީއެލް ބަނދަރުގައި ހުރި ދެ ކޮންޓޭނަރުގެ ސިނގިރޭޓްވެސް ވަނީ ބަޔަކު ވަގަށް ނަގާފަ އެވެ.

މައުޟޫޢުތަށް