އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ފަށައިފި
އަވަސް
22 ނޮވެމްބަރު 2025 | ހޮނިހިރު | 1:30
އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ގާއިމުކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގައި މިއަދު ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ. މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ހިންގާ މި ސެންޓަރު މިމަހުގެ 19 ވަނަ ދުވަހު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މިސެންޓަރުން ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10:00 އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިއްހީ ސިޔާސަތާ އެއްގޮތަށް އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުތައް ފަރުމާކޮށްފަވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާވެގެންދާނެ ހިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަށެވެ. މި ސެންޓަރުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށް ގެންދާނެ އެވެ. އެގޮތުން ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓާކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ އެވެ. ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ހިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ. ބަލިޖެހުމުގެ ކުރިން ބަލިތަކުން ދިފާއުވުމަކީ ރައީސް މުއިއްޒުގެ ސިއްހީ ސިޔާސަތުގެ މުހިއްމު ބަހާ އެކެވެ. އެހެންވެ މިފަދަ އިތުރު ފަސް ސެންޓަރު މާލެ ސަރަހައްދުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި ދެ ސެންޓަރު ތަރައްގީ ކުރާނެ އެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދީފައިވާ ދާއިރާއަކީވެސް ސިއްހީ ދާއިރާ އެވެ.